މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ އެއްވެސް އަވަސް އަރުވާލުމެއް ތެހެރާނުން ނުގެންގުޅޭ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ނައިބު ކާޒިމް ޣަރީބްއާބާދީ ވިދާޅުވެއްޖެއެވެ.
މަސްދަރުތަކުން ރިޕޯޓުކުރާ ގޮތުގައި، ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައިގަނޑު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައި ކަމަށާއި، އެ ސަރަޙައްދު އަވަހަށް ހުޅުވާލުމުގެ ވިސްނުމެއް އީރާނުގެ ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފައިވަނީ ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެ ފައުޖުތަކުގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި ދުނިޔޭގެ ހަކަތައިގެ އަގުތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި، އެމެރިކާގެ އިސް ވެރިން އެ ކަނޑުއޮޅިއާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށްވެސް އައި.އާރު.ޖީ.ސީން ވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޢިރާޤުން މަސައްކަތް ކުރަމުންދާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ. ޢިރާޤުގެ ބޮޑުވަޒީރުގެ ސެކިއުރިޓީ އެޑްވައިޒަރު ޤާސިމް އަލް-އަރަޖީ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ގުޅުން ބަދަހިކޮށްދޭ ”ފާލަމެއް“ ގެ ގޮތުގައި ޢިރާޤުން ޙަރަކާތްތެރިވާން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ދަނޑިވަޅުގައި، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އަނިޔާވެރި ޢަމަލުތައްވެސް ދަނީ އިތުރުވަމުންނެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން މަޢުލޫމާތު ދޭ ގޮތުގައި، ހުޅަނގު އައްސޭރީގެ ނާބުލުސްގެ ދެކުނުގައި އޮންނަ ޤުސްރާ އަވަށުގައި ހުރި ފަލަސްޠީނުގެ އާންމު ރައްޔިތެއްގެ ގެއެއް، އިޒްރޭލު ސިފައިންގެ އެހީތެރިކަމާއެކު ޔަހޫދީ ވަޒަންވެރިން ވަނީ ވަށާލައި ހިސާރުކޮށްފައެވެ.
އިޒްރޭލުގެ ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ މިފަދަ ޣައިރުޤާނޫނީ ޢަމަލުތަކުގެ ސަބަބުން، ހިފާފައިވާ ހުޅަނގު އައްސޭރީގެ މަސްރަޙުވެސް ވަނީ އިތުރަށް ގޯސްވެ ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ.









