އީރާނުގެ ރޫޙާނީ ލީޑަރު މުޖްތަބާ ޚާމަނާއީގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށާއި ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެދި 10,000 ކަންބަޅި ޤުރުބާންކުރުމުގެ ޚާއްޞަ ޙަރަކާތަކަށް ފައިސާ ހޯދުމަށް އީރާނުގެ ދީނީ ޖަމާޢަތްތަކުން ފަށައިފިއެވެ. މި ޙަރަކާތުގެ ތެރެއިން ކޮންމެ ކަންބަޅިއަކަށް 250 މިލިއަން ރިއާލް (ގާތްގަނޑަކަށް 132 އެމެރިކާ ޑޮލަރު) ހަމަކުރުމަށް އާންމުންގެ ކިބައިން އެދެމުންދާއިރު، މި ކަމަށް ސަރުކާރަށް ތާޢީދުކުރާ ޝީޢީ ދީނުގެ ޝެއިޚުން ދަނީ ބާރުއަޅަމުންނެވެ.
ނަމަވެސް، އީރާނުގެ އިޤްތިޞާދީ ޙާލަތު ގޯސްވެ، ތެލުގެ ދަތިކަމާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި މިފަދަ ކަމަކަށް އާންމުންގެ އަތުން ފައިސާ ހޯދަން އުޅުމުން އާންމުންގެ ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ. 10,000 ކަންބަޅި ކުރުބާންކުރުމަށް ޖުމްލަ 2.5 ޓްރިލިއަން ރިއާލް (1.32 މިލިއަން ޑޮލަރު) ހޯދުމަށް ވަނީ އަމާޒުހިފާފައެވެ.
ޤަޒްވީންގެ ކުރީގެ އިމާމް ޢަބްދުލްކަރީމް އަބޭދިނީ ވަނީ ”އެމެރިކާ އާއި ޒަޔަނިސްޓުންގެ ނުރައްކަލުން“ ލީޑަރު ސަލާމަތްކުރުމަށް އެހީވުމަށް އާންމުންނަށް ގޮވާލާފައެވެ. ތެލާއި އާންމު ކާބޯތަކެތީގެ އަގު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ލީޑަރުގެ ސިއްޙަތަށްޓަކައި ކަމަށް ބުނެ އެހާ ގިނަ ފައިސާ އާންމުން ދޭންޖެހޭ ސަބަބާމެދު އީރާނުގެ ގިނަ ރައްޔިތުން ދަނީ ސުވާލުއުފައްދަމުންނެވެ.














