ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުލައިޓެއްގައި އިން މީހަކު، އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ވީއައިއޭއަށް ޖެއްސި ފްލައިޓެއްގައި އިން މީހަކު، އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަތަކެއް ފެތުރޭތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އަނިޔާ ލިބުނު ފަރާތާ ސުވާލުކޮށް މައުލޫމާތު ސާފުކުރެވިފައިވާ ކަމަށާއި، މިކަމުގައި ތުހުމަތުކުރެވޭ ފަރާތް މިހާރު ވަނީ ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ”އެކި އެމްވީ“ ގެ ފަރާތުން ފުލުހުންނަށް ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތު ހާމަކުރެވެން ހުރި މިންވަރަކުން މީޑިއާތަކާ ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މިކަމާ ގުޅިގެން އިތުރު އެއްޗެއް ފުލުހުން ބުނެފައެއް ނުވެއެވެ.














