ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ޖެން ހޮޓެލްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

ބީއެމްއެލްގެ ދިގު ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދަށް މި އަދަދު ވާނެއެވެ. މި އަހަރު ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ބަހަން ރޭ އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިއެވެ. މި ގޮތަށް ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުން އެ ކަމާ ހަވާލުކޮށްގެންނެވެ.
މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10 ރުފިޔާ އިތުރު އަދަދެކެވެ. 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ 40 ރުފިޔާއެވެ.
އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީހުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިދިޔަ އަހަރު ހޯދުމުގެ ސަބަބުން ކަމަށެވެ.
މި ނިންމުމާ ގުޅިގެން ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ލިބޭނެއެވެ.