އިސްރާއީލުގެ ޓެރަރިސްޓު އިސްތިއުމާރީ ބާރުތަކުން ދެކުނު ލުބުނާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، ކައިވެނިކުރިތާ އެންމެ 48 ގަޑިއިރުވީ އަންހެނަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.
މި ހަމަލާތައް އަމާޒުވެފައިވަނީ ދެކުނު ލުބުނާނުގެ ނަބަތިއްޔާ ޑިސްޓްރިކްޓުގައި އޮންނަ އަރަބް ސާލިމް އަވަށަށެވެ. ލުބުނާނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ބުރާސްފަތި ދުވަހު ދިން މި ހަމަލާތަކުގައި 6 މީހަކު ޒަޚަމްވެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކާއި، އަންހެނަކާއި ދެ ދޮށީއުމުރުގެ މީހުން ހިމެނެއެވެ.
ލުބުނާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޝަހީދުވި އަންހެން މީހާ ކައިވެނިކުރިތާ އަދި ވީ އެންމެ 48 ގަޑިއިރެވެ. އަދި އިސްރާއީލުގެ މި އަނިޔާވެރި ހަމަލާގައި އެ އަންހެން މީހާގެ ގެ ވަނީ އެއްކޮށް ބިމާ ހަމަވެ ސުންނާފަތިވެފައެވެ.
ލުބުނާނުގެ ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި ނަބަތިއްޔާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ވަނީ މަދުވެގެން 10 ވައިގެ ހަމަލާ ދީފައެވެ. މީގެ އިތުރުން، ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ ރަޝާފް އަވަށުގެ ބޭރު ފަރާތްތަކަށް ވެސް އިސްރާއީލުން ބޮޑުބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ދަޢުވާކުރާ ގޮތުގައި މި ހަމަލާތަކަކީ ޙިޒްބުﷲގެ ހަތިޔާރު ގުދަންތަކަކަށް އަމާޒުކޮށް، އެ ޖަމާޢަތުން އިސްރާއީލު ސިފައިންނަށް ރޭގަނޑު ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.
ނަމަވެސް ބެއިރޫތުގައި ހުރެ ބައިނަލްއަޤުވާމީ މީޑިއާއެއް ކަމަށްވާ އަލްޖަޒީރާއަށް މަޢުލޫމާތު ދިން ޒީނާ ޚޮދްރު ބުނެފައިވަނީ، އިސްރާއީލުން އަމާޒުކޮށްފައިވަނީ އާންމުން ދިރިއުޅޭ ރެސިޑެންޝަލް ސަރަޙައްދަކަށް ކަމަށެވެ. އަދި ނަބަތިއްޔާ ސަރަޙައްދު ދޫކޮށް ޙިޒްބުﷲ ދިއުމަށް ބާރުއެޅުމުގެ ގޮތުން އިސްރާއީލުން އަސްކަރީ ފިއްތުންތައް އިތުރުކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އެމެރިކާ-އީރާން އަދި އިސްރާއީލް-ލުބުނާން އެއްބަސްވުންތަކަށްފަހު ހަމަނުޖެހުންތައް ކޮންމެވެސް ވަރަކަށް މަދުވެފައިވީ ނަމަވެސް، އިސްރާއީލުން އަދިވެސް ދަނީ ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ބޮންއަޅައި، ގެދޮރު ހަލާކުކޮށް އުދުވާނީ ޢަމަލުތައް ހިންގަމުންނެވެ.









