ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި، އާންމުންނަށް ފެންނާނޭހެން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ހިޔާ ޓަވަރު 12 ގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ. ވީޑިއޯއިން އެނގޭ ގޮތުގައި އެ މީހުން މި އަމަލު ހިންގާފައިވަނީ ވަށައިގެންވާ އެހެން ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ފެންނާނޭހެން ހުންނަ ބެލްކަންޏެއްގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މީގެކުރިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ހިޔާގެ އެޕާޓްމަންޓެއްގެ ބެލްކަންޏެއްގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުސްވި އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ މި އަމަލު ހިންގި ދެ މީހުން މިހާރު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
އާންމު ތަންތަނުގައި ނުވަތަ އާންމުންނަށް ފެންނާނޭހެން ބަދުއަހުލާގީ އަމަލުތައް ހިންގުމަކީ ރާއްޖޭގެ ގާނޫނު ބަޔާންކުރާ ގޮތުން ބޮޑު ކުށެކެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.













