ވިލިމާލޭ އިރުމަތީ ފަރާތު މޫދަށް އެރޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ފުރިހަމަވެފައި ނެތުމުން ވިލިމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 14 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ސަމާހު ވިދާޅުވީ، ވިލިމާލެ އިރުމަތީ ފަރާތު މޫދަށް އެރޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދަކީ ނުރައްކާތެރި މިންވަރަކަށް އޮއި ދަމާ ސަރަހައްދެއް ނަމަވެސް، ސަމާލު ބޯޑުތަކާއި ނިޝާންތައް ހަރުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސަރަހައްދަށް މޫދަށް އެރި އުޅުމުގެ ތެރޭގައި މާޒީގައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރައްވަމުން ސަމާހު ވިދާޅުވީ، ކޮންމެ ހަފުތާއެއްގެ ބަންދު ދުވަސްތަކު، ގިނަ ބަޔަކު އެ ސަރަހައްދަށް މޫދަށް އެރެން ގޮސް އުޅުމުގެ ތެރޭގައި 3 ނުވަތަ 4 ކުއްޖަކު އެ ސަރަހައްދުން އޮޔާ ދަމާގަތުން ފަދަ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. ވިލިމާލޭގެ ރައްޔިތުންނަށް އިރުމަތީ ފަރާތު މޫދަށްއެރޭ ސަރަހައްދުގެ ހާލަތު އެނގުނަސް ވިލިމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކަން ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކަން މިހެން އޮތުމާއެކު، މޫދަށް އެރޭ ސަރަހައްދުގައި ބޮއި ފޮއްޗެއް ދެމުމަށާއި، ސަރަހައްދަކީ ނުރައްކާތެރި މިންވަރަކަށް އޮއި ދަމާ ސަރަހައްދެއްކަން އަންގައިދޭ ބޯޑާއި ނިޝާންތައް އެންމެންނަށް ފެންނާނޭހެން ހަރުކޮށްފައި ބެހެއްޓުމުގެ އިތުރުން ލައިފްޖެކެޓްތައް ވެސް ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ސަމާހު ވަނީ ވިދާޅުވެފައެވެ. އަދިހަމައެހެންމެ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ލާމަރުކަޒީ ގާނޫނުގައި ވެސް ލާޒިމުކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން، ހަރަދު ކުޑަ ގޮތެއްގައި މި މަސައްކަތުގައި ޝާމިލުވެވޭނެ ކަމަށާއި މިކަމަކީ އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމަށްވެސް ސަމާހު ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ވީހާވެސް އަވަސް ހައްލެއް ކައުންސިލްގެ ތެރެއިން ހޯދައިދިނުމަށް ސަމާހު ވަނީ އެދިފައެވެ.













