ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް ޖަމީލާ ޢަލީ ޚާލިދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މި މަގާމަށް ޖަމީލާ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މި ހިނގާ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހަށް ޖަމީލާގެ ނަން ހުށަހެޅުއްވީ، އެ މަގާމުގައި ކުރިން ހުންނެވި އިރުތިޝާމް އާދަމް ފޮރިންގ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަމީލާ ޢަލީ ޚާލިދަށް ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ޖަމީލާ ޢަލީ ޚާލިދަކީ ހާރިޖީ ދާއިރާގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.













