ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ޔަހޫދީ އިސްރާއީލުން ހުރަސްއަޅަމުންދާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ބިންތައް ފޭރިގަތުމުގެ ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކުރުމަށް ސައުދީ ސަރުކާރުގެ ދަޢުވަތަކަށް ބާއްވާ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ކުއްލި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ޚާރިޖީ ވަޒީރު ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ބައިނަލްއަޤްވާމީ އެހެން މައިދާންތަކެކޭ އެއްފަދައިން މި ބައްދަލުވުމުގައިވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ވަރުގަދައަށް ވަކާލާތު ކުރާނެ ކަމަށެވެ. އަދި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެ ޢަމަލުތަކަށް އެ ޤައުމު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ސްޓޭޓްމެންޓުގައި އިސްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް މިހާރު ޢައްޒާގެ ސުލްހައަށް އދ. ސަލާމަތީ މަޖިލީހުން ނެރެފައިވާ މަގުޗާޓު ތަންފީޒުކުރުމަށް ހުރިހާ މެންބަރު ޤައުމަކުން ބާރުއަޅާ އިސްރާއީލުން އެއްވެސް އަހަމިއްޔަތުކަމެއް ނުދީ ތަންފީޒުކުރުމަށް ދެކޮޅު ހަދަމުންދާތީ ތަންފީޒުކުރުމަށް އޯއައިސީގެ ހުރިހާ މެންބަރު ޤައުމަކުން ގޮވާލާނެ. އަދި ޢައިރު ޤާނޫނީ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަޅުގަނޑުމެން ދޭ ސްޓޭޓްމެންޓުގައި އެކަން ބަޔާން ކުރެވޭނެ.“ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ މިނިވަންކަމަށް ފުރިހަމައަށް ތާއީދުކުރާ ޤައުމެކެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ދަނީ ވަކާލާތު ކުރަމުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން، އޯއައިސީގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމުގެ މަރުޙަލާ ކުރިއަށްދާނެއެވެ. މީގެ އިތުރުން، އެކުވެރި ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.









