ގދ. ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، މަގުތަކުގެ ސާވޭ ކުރުމުގެ މަސައްކަތް މިހާރު ފަށައިފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ސަރުކާރުން ގާތްގަނޑަކަށް 71 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވާ މުހިންމު ޕްރޮޖެކްޓެކެވެ. މި މަސައްކަތް ނިމުމުން ފިޔޯރީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުން އަންނަނީ ފިޔޯރީގެ އުމްރާނީ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އިތުރުން، ރަށުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި މަސްކިރާ ކާރުޚާނާއެއް ބިނާކުރުން ފަދަ މުހިންމު ސިނާޢީ މަޝްރޫޢުތައް މިހާރުވެސް ދަނީ ހިންގަމުންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ގދ. ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވުމަށް ސާވޭ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.#TeamRDC pic.twitter.com/2m2jfIwxvi
— Road Development Corporation Ltd (@rdcmaldives) August 25, 2026
މި ސާވޭގެ މަސައްކަތްތައް ނިމުމާއެކު، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެއެވެ. މި މަޝްރޫޢު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިމިގެން ދިއުމަކީ، ފިޔޯރީގެ ޢުމްރާނީ ސިފަ ބަދަލުވެ، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް އިތުރު ދިރުމެއް ގެނެސްދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކަށް އުފުލިގެންދާނެ ކަމެކެވެ.











