ހޮރްމޫޒް ކަނޑުއޮޅިން ދުވާލެއްގެ މައްޗަށް 8 މިލިއަނާއި 15 މިލިއަނާ ދެމެދުގެ އަދަދަކަށް ތެޔޮ ބެރެލް ބޭރުކުރެވެމުންދާ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ބުނަމުންދާ ބުނުމާ ޚިލާފަށް، ޙަޤީޤަތުގައި ބޭރުވަނީ ދުވާލަކު އެންމެ 2.3 މިލިއަން ބެރެލް ތެޔޮ ކަމަށް ހަކަތައާއި ކަނޑުގެ ދަތުރުފަތުރު ދިރާސާކުރާ މިނިވަން އިދާރާއެއް ކަމަށްވާ ’ކްޕްލަރ‘ އިން ހާމަކޮށްފިއެވެ.
ކްޕްލަރއާއި ދާއިރާގެ ޚާއްޞަ އެނަލިސްޓުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވައިޓް ހައުސްއިން ކަނޑުގެ ރައްކާތެރިކަމާއި ތެޔޮ ބޭރުކުރެވޭ މިންވަރާމެދު ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ދިން ނަމަވެސް، ވޭތުވެދިޔަ ހަފުތާ ބަންދުގައި އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެކީޖުމްލަ 16 ތެޔޮ އުޅަނދެވެ. މިއީ ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް ދަތުރުކުރާ އުޅަނދުފަހަރަށްވުރެ 80 އިންސައްތައަށްވުރެ ދަށް އަދަދެކެވެ.
”އެމެރިކާގެ ސަރުކާރުން ބުނާ މިންވަރާ ޚިލާފަށް، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އުޅެނީ އިންތިހާއަށް ދަށުގައެވެ. ހަފުތާ ބަންދުގައި ދަތުރުކުރީ އެންމެ 16 އުޅަނދެވެ،“ ކްޕްލަރގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.













