ސޫރިޔާގެ އަބޫ އަލް-ދުހޫރު ވައިގެ މަރުކަޒަށް އިޒްރޭލުން ދާދިފަހުން ދިން ވައިގެ ޙަމަލާތަކަށްފަހު، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އެމެރިކާއިން މެދުވެރިވެގެން އިޒްރޭލާއި ސޫރިޔާގެ އިސް މަސްއޫލުވެރިންގެ މެދުގައި ނާދިރު ބައްދަލުވުމެއް އުރުދުންގައި ބާއްވައިފިއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސަރަހައްދީ އިމުގެ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޢަމަލީ ގޮތުން އަޅާނެ ސެކިއުރިޓީ ފިޔަވަޅުތައް ޤާއިމުކުރުމަށާއި،، ދެފަރާތުގެ މެދުގައި ހިނގާ ކުރިމަތިލުންތައް ހުއްޓުވުމަށެވެ. އަދި ސޫރިޔާގެ ފަސްގަނޑުގައި އިޒްރޭލާއި ތުރުކީއާ ދެމެދު އޮތް ސަރަހައްދީ ވާދަވެރިކަން ކޮންޓްރޯލްކޮށް ބެލެހެއްޓުމާ ގުޅޭގޮތުންވެސް ދެފަރާތުން ވަނީ ވާހަކައްކާފައެވެ.
ސޫރިޔާގެ ޑެލިގޭޝަން އިސްކޮށް ހުރީ ޚާރިޖީ ވަޒީރު އަސްޢަދު އަލް-ޝައިބާނީއެވެ. މީގެ އިތުރުން ސޫރިޔާގެ ޖެނެރަލް އިންޓެލިޖެންސް އަދި މިލިޓަރީ އިންޓެލިޖެންސްގެ ވެރިން ބައިވެރިވިއެވެ. އިޒްރޭލުގެ ފަރާތުން މޮސާދުގެ ވެރިޔާ ރޯމަން ގޯފްމަން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެޤައުމުގެ ބޯޑަރު ސަރަޙައްދުގައި ހިނގާ ޙަމަލާތަކާއި ހައްޔަރުކުރުންތައް ހުއްޓުވުމަށް އުރުދުންގައި އެމެރިކާގެ ބެލުމުގެ ދަށުން ޚާއްޞަ އޮޕަރޭޝަންސް ރޫމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށްދިޔައެވެ. ސޫރިޔާއިން ވަނީ 1974 ގެ ޑިސްއެންގޭޖްމަންޓް އެގްރީމެންޓަށް ޢާމަލުކުރުމަށާއި، 2024 ޑިސެމްބަރު 8 ގެ ކުރިން އިޒްރޭލު ސިފައިން ތިބި އިންތަކަށް ފަހަތަށް ޖެހުމަށް އެދިފައެވެ.













