ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވަމުންދާ މައްސަލައަކީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށްވާއިރު، މި މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ތަންތަން ދެނެގަނެ، މިހާތަނަށް އެފަދަ އެއްތަން ބަންދުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވި ކަމަށެވެ. ނަމަވެސް ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް 1 އިންސައްތަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، ދިމާވި ދަތިތަކާ އެކުގައި ވެސް ރާއްޖޭގެ ރިޒާމް މަތި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ، އެކަން ދެނެގަނެވުނީ ބޭރު ފައިސާ މާރުކުރުމުގެ ގާނޫނާ ގުޅޭ ވާހަކަތައް ދާއިރާއާ ގުޅުންހުރި ފަރާތްތަކާއެކު ދެކެވެމުން ދިޔުމުގެ ތެރޭގައި ކަމަށެވެ.
”މިޑްލް އީސްޓް ކްރައިސިސްއާ އެއްކޮށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، އޯވަރޯލްކޮށް މިހާ ހިސާބަށް ދިޔައިރުވެސް އަޅުގަނޑުމެންނަކަށް ނުފެނޭ މިހާ ބޮޑަށް ރޭޓް މައްޗަށް ދާންވީ ސަބަބެއް. އެހެންވީމާ މިކަމުގައި އެބައުޅޭ ވަރަށް ބޮޑު ސްޕެކިޔުލޭޝަންސްތަކެއް،“ – މުނައްވަރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ދެނެގަނެ، ތަންފީޒީ އިދާރާތަކާއެކު ކުރެވުނު މަސައްކަތްތަކުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާކަން ފާހަގަކުރެވުނު ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ، ގާނޫނު ތަންފީޒުކުރުމަށްޓަކައި މިކަމަށް ބޭނުންވާ ތަހުގީގު ކުރިއަށްގެންދިއުމަށް ސަރުކާރުގައި މިހާރު އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާކަން ފާހަގަކުރެވުނު އެއް މަނީ އެކްސްޗޭންޖަރ މިހާރު ބަންދު ކުރެވިފައިވާ ކަމަށެވެ.











