ހޮރްމޫޒް ކަނޑުއޮޅި އާއި އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ކަނޑުގެ ބްލޮކޭޑްގެ ދަށުން، އެމެރިކާގެ އަސްކަރިއްޔާއިން 68 ވިޔަފާރި އުޅަނދެއްގެ މިސްރާބު ބަދަލުކޮށް، 3 އުޅަނދެއް ނުކުޅެދޭ ޙާލަތަކަށް ގެނެސް، އަދި 2 އުޅަނދަކަށް އަރައި ފާސްކޮށްފައިވާކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓުކޮމް) އިން ހާމަކޮށްފިއެވެ.
އެމެރިކާގެ ސެންޓްކޮމް އިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި 20 އަށްވުރެ ގިނަ ހަނގުރާމަމަތީ މަނަވަރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ދާދިފަހުން ސަރަހައްދަށް އައިސްފައިވާ ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން އެއާކްރާފްޓް ކެރިއަރު ވަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތާ ޙަވާލުވެފައެވެ.
އެމެރިކާގެ އެންގުންތަކަށް ނުކިޔަމަންތެރިވި 3 އުޅަނދެއް އަސްކަރީ ގޮތުން ސަލާމަތާ ބެހޭ ލަޝްކަރުން ވަނީ ހުއްޓުވާފައެވެ. ކަނޑުގެ ބްލޮކޭޑާއި ހަނގުރާމައިގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން، ހޮރްމުޒް ކަނޑުއޮޅިން ކުރާ ވިޔަފާރި ދަތުރުތައް ވަނީ ކުރިން އޮތް ވަރަށްވުރެ %80 ދަށަށް ގޮސްފައެވެ.
އީރާނުން ދަނީ އެމެރިކާގެ މި ބްލޮކޭޑަކީ ޣައިރުޤާނޫނީ ’އިޤްތިޞާދީ ހަނގުރާމައެއް“ ކަމަށް ބުނެ، ބްލޮކޭޑް އުވާނުލަނީސް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ނުހުޅުވާނެކަމު އިންޒާރު ތަކުރާރުކުރަމުންނެވެ.













