ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިދިޔަ 2025 ވަނަ އަހަރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މަމްދޫހު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށް ޕްރިމިއަމް ހެލްތް އިންޝައުރެންސް ލިބޭ ކަމަށާއި ނަމަވެސް އާދައިގެ ނިކަމެތި ރައްޔިތުން ޖެހެނީ ބޭސްފަރުވާއަށް ސަލާން ޖަހަން ކަމަށް ބުނެ މީސް މީޑިއާގައި މީހަކު ކުރި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. އެ ޕޯސްޓުގައި އޭނާ ވަނީ އެންޑޯމެޓްރިއޯސިސް ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތަކުން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގެ ސްކީންޝޮޓް ވެސް އާންމުކޮށްފައެވެ.
May Allah grant Maisam complete shifaa and make her treatment and recovery easy.
However, it is important to clarify that the treatment mentioned in this post is available at multiple hospitals currently empanelled under Aasandha. Based on the available information, some of the… https://t.co/GAbgUBrWyU
— Mohamed Mamdooh (@Mamdooh_Yoonus) August 22, 2026
މިކަމާ ގުޅިގެން މަމްދޫހު ވިދާޅުވީ، އެންޑޯމެޓްރިއޯސިސް އަށް ބޭނުންވާ ފަރުވާ އާސަންދައިގެ ހިދުމަތް ލިބޭ ގިނަ ހޮސްޕިޓަލްތަކަކުން ލިބެން އެބަހުރި ކަމަށެވެ. އޭނާ ވަނީ މި ބައްޔަށް ފަރުވާ ހޯދުމަށް އާސަންދަ ކަވަރުކުރާ ހޮސްޕިޓަލްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރުގަދަ ހޮސްޕިޓަލްތަކެއް ނަން ވެސް ހިއްސާކޮށްފައެވެ.
މި ބައްޔަށް ފަރުވާ ކުރެވޭ ކަމަށް މަމްދޫހު ފާހަގަކުރެއްވި ބައެއް ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނެނީ:
- ޖެމް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރ (ކޮއިމްބަތޫރު)
- މަނިޕާލް ހޮސްޕިޓަލް (ބެންގަލޫރު)
- އެމްޖީއެމް ހެލްތުކެއަރ (ޗެންނާއީ)
މެންބަރު މަމްދޫހު ވިދާޅުވީ، ވަކި ޑޮކްޓަރަކަށް ދެއްކުމަށް ނުވަތަ އާސަންދަ ނުލިބޭ ހޮސްޕިޓަލަކުން ފަރުވާ ހޯދުމަކީ ކޮންމެ ބަލިމީހެއްގެ ވެސް އަމިއްލަ އިހުތިޔާރެއް ކަމަށާއި އެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިދީފައި އޮންނަ ކަމަށެވެ. ނަމަވެސް، އާސަންދަ ސްކީމްގެ ދަށުން މި ފެންވަރުގެ ރަނގަޅު ފަރުވާ ލިބެން ހުއްޓައި، ބޮޑު ހަރަދުކޮށްގެން އަމިއްލަ ޖީބުން ފައިސާ ދައްކައިގެން ނޫނީ މި ފަރުވާ ނުލިބޭނެ ފަދަ ތަސައްވުރެއް އާންމުންގެ މެދުގައި އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މިދިޔަ އަހަރު އެކަނިވެސް ރައްޔިތުންގެ ސިއްހީ ފަރުވާއަށް 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން މަމްދޫހު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބޭސްފަރުވާއަށް އެތައް ހާސް ޑޮލަރެއް އަމިއްލައަށް ހޯދަން މަޖުބޫރުވެފައިވާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރުވުމުގެ ބަދަލުގައި، އާސަންދައިގެ ދަށުން މިހާރުވެސް ލިބެންހުރި ފަރުވާތަކާ ބެހޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.










