ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2026 އޯގަސްޓް 17 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެ ވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މިއީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ޤާނޫނު ގައި ބަޔާންކުރުމަށާއި، ޤައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވަރނަންސް އާއި މޮނިޓަރިންގ ހަރުދަނާކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ ބިލެކެވެ.
މި ބިލުގައި، ރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމުގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަށް ލިބިގެންވާކަމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ބެންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން، އެމްއެމްއޭއިން ކަނޑައަޅާ ޕޭމަންޓް މުޢާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި އެމްއެމްއޭ.އން ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ހަމަ މިއާއެކު، ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން، އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިން، އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މި ސިސްޓަމާ ގުޅި، މުޢާމަލާތްތައް މީގެ ތެރެއިން ރޫޓްކުރަން މަޖުބޫރުވާނެއެވެ.
މި ބިލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެނައި އިޞްލާޙަށް ވަނީ ޢަމަލުކުރަން ފަށައިފައެވެ.













