މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗާއި ފުލެޓް ލިބުނު މީހުންގެ ލިސްޓް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ނާޡިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ޑިސެމްބަރު މަހުގެ ތެރޭގައި ގޯއްޗާއި ފުލެޓް ލިބުނު މީހުންގެ ލިސްޓް އާންމުކުރާނެ ކަމަށާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި އާންމުންގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކަން މިހެން އޮތުމުން، ފޯމު ފުރި އިރު މައުލޫމާތެއްގައި އެއްވެސް ފުށުއެރުމެއްވާނަމަ އެކަން ވީއެންމެ އަވަހަކަށް ޕޯޓަލް މެދުވެރިކޮށް އަންގައި އެކަން އިސްލާހުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތުގައި ވެސް އެންމެފަހު ވަގުތާޖެހެންދެން ބައެއް ފަރާތްތަކުން ފޯމު ހުށަހަޅަން މަޑުކޮށްގެން ތިބިކަން ފާހަގަކުރައްވަމުން ނާޡިމް ވަނީ، އެކަންކަން އިސްލާހުކުރުމަށް ދުރާލާ މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ހުރިހާ މުއާމަލާތެއް ކުރުމުން މައުލޫމާތުތައް ޓްރެކްކުރަން ފަސޭހަވެގެންދާނެ ކަމަށްވެސް ނާޡިމް ވަނީ އިތުރަށް ވިދާޅުވެފައެވެ.
މި ސަރުކާރުން ވަނީ މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،900 ފުލެޓް ތަރައްގީކުރުމަށް ނިންމައިފައެވެ. އެގޮތުން ގޯއްޗާއި ފުލެޓް ދޫކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި 2028 ވަނަ އަހަރުގެ މެދުތެރޭގައި ގޯއްޗާއި ފުލެޓް އޭގެ ހައްގުވެރިންނަށް ހަވާލުކޮށް އެއްކޮށް ނިންމާލެވޭއެވެ.













