އެއް މައުޟޫއަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަނޭޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ އުވާލުމަކީ ރައްޔިތުންނަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމަށް ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖްލިސް ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި މި ބަހުސް ހޫނުވެގެން ދިޔައީ، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކުރުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނަށް ބަހުސްކުރަމުން ދިޔަ ވަގުތުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތަޅުމުގައި ބަހުސްކުރެވެނީ 2،100 އަށް ވުރެ ގިނަ މީހުންގެ ސޮއި ލިބިފައިވާ ޕެޓިޝަންތަކަށެވެ. މިއަދު މަޖިލީހުގައި ކުރިއަށްދިޔައީ އެ އަދަދަށް ސޮއި ހަމަވެގެން އެޖެންޑާ ކުރެވުނު ފުރަތަމަ ޕެޓިޝަނުގެ ބަހުސެވެ.
އެ ބަހުސްގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކުން، ރައްޔިތުންގެ ފަރާތުން އަންނަ ބަހުސްތައް ހުއްޓުވައި ހުރަސްއަޅަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މަޖިލީހުގެ ގަވާއިދު ކުއްލިއަކަށް ބަދަލުކުރީ ވެރިކަން ކުރާ ޕީއެންސީން އިތުރު ޕެޓިޝަނެއް ހުށަހެޅުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
މީކާއީލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު މެންބަރުން ރައްޔިތުންނަށް ކަންކަން އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން މެންބަރު އެ ވަގުތުވެސް ބަހުސް ކުރައްވަމުން ގެންދެވީ ރައްޔިތުން ހުށަހެޅި ޕެޓިޝަނަކަށް ކަން ފާހަގަކުރައްވައި، ސަރުކާރުން ބަހުސަށް ހުރަސްއަޅާ ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެއް މައްސަލައެއްގައި ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މިދިޔަ އަންގާރަ ދުވަހު ގަވާއިދަށް ގެނައި ބަދަލަކީ ހަމައެކަނި ޕީއެންސީއަށް ފުރުސަތު ދިނުމަށް ގެނައި ބަދަލެއް ނޫން ކަމަށާއި، އޭގެ ސަބަބުން ކޮންމެ ފަރާތަކަށްވެސް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނައި ފަހުން، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު އެ އޮތް ގޮތަށް ފާސްކުރުމަށް އެދި ހުށަހެޅި ޕެޓިޝަނަށްވެސް މަޖިލީހުގައި ބަހުސްކުރެވޭ މިންވަރަށް މިހާރު ވަނީ ސޮއި ހަމަކޮށްފައެވެ.













