ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އަލްސަން އަހުމަދު ޕީއެންސީ އަށް މިއަދު ސޮއިކޮށްފިއެވެ.

އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވ އަލްސަން ޕީއެންސީއަށް ގުޅިވަޑައިގެންނެވިކަން ހާމަކުރީ ޕީއެންސީން ދެންމެ ‘އެކްސް’ ގައި ކުރި ޕޯސްޓެއްގައެވެ.
އަލްސަން ސޮއިކުރެއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އަލްސަން ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފި pic.twitter.com/KK2BbZrCr9
— PNC Secretariat (@pnc_secretariat) May 23, 2024
އަލްސަންއާއެކު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޖުމްލަ މެންބަރުންގެ އަދަދު ވަނީ 75 އަށް އަރާފައެވެ.
އެޕްރީލް 21، ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއިން 66 ގޮނޑި ކާމިޔާބު ކުރި އިރު، އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި އަށް މެންބަރަކު ވަނީ ޕީއެންސީއާ ގުޅިފައެވެ.
އުމުރުން 25 އަހަރުގެ އަލްސަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ 870 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 39.38 އިންސައްތައެވެ. އަލްސަންއާ އެންމެ ގާތުން ވާދަކުރީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓަށް ލިބުނީ 799 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 36.17 އިންސައްތައެވެ.