ރަޝިޔާއިން ޔޫކްރޭނުގެ ވެރިރަށް ކީވްއަށާއި އެ ސަރަހައްދަށް ދިން 9 ގަޑިއިރުގެ ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއްގައި 16 މީހުން މަރުވެ، 50 އާ ކައިރިކުރާ އަދަދަކަށް މީހުން ޒަޚަމްވެއްޖެއެވެ. ޔޫކްރޭނުގެ ރައީސް ވލަޑިމިއަރ ޒެލެންސްކީ ބުނި ގޮތުގައި، ރަޝިޔާއިން ފޮނުވާލި ކްރޫޒް މިސައިލާއި ޑްރޯންތަކުގެ %90 އެއާ ޑިފެންސް ސިސްޓމްތަކުން ވައްޓާލި ނަމަވެސް، ޕެޓްރިއަޓް މިސައިލް މަދުވުމުގެ ސަބަބުން ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށް ވަނީ ނުކުޅެދިފައެވެ.
ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ހާމަކުރި ގޮތުގައި، މި ޙަމަލާތަކުގައި 86 އާންމުން ދިރިއުޅޭ އިމާރާތަކަށާއި، ކުޑަކުދިންގެ ހޮސްޕިޓަލަކަށް އަދި ސްކޫލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޒެލެންސްކީ ވަނީ އެމެރިކާއާއި ހުޅަނގުގެ އިއްތިހާދުތަކުން ޕެޓްރިއަޓް އެއާ ޑިފެންސް ސިސްޓަމްގެ މިސައިލްތައް އަވަހަށް ފޯރުކޮށްދިނުމަށް އެދިފައެވެ. އަދި ޔޫކްރޭނުން ތައްޔާރަށް އޮތީ މި ހަތިޔާރުތައް ގަންނަންކަމަށްވެސް އޭނާ ބުންޏެވެ.












