ހުޅުމާލެ ފޭސް އެކެއްގެ ފްލެޓު ސަރަހައްދުތައް ޒީނަތްތެރިކޮށް ބެލެހެއްޓުމާއި މަގުތައް ސާފުކޮށް ބޭއްވުމުގެ ގޮތުން، އެ ސަރަހައްދުތަކުގައި ހަދާފައިވާ ގަސްކޮށިތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން މިކަން އަންގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތައް ކައިރީގައި ޚާއްޞަ ނޯޓިސްތަކެއް ހަރުކޮށްގެންނެވެ.
އެ ނޯޓިސްގައިވާ ގޮތުން، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ ސަރަހައްދުތަކުގައި ހުރި ގަސްކޮށިތައް ނަގައި އެ ސަރަހައްދުތައް މުޅިން ހުސްކުރަން ޖެހޭނެއެވެ.
އެ މުއްދަތުގެ ތެރޭގައި އަމިއްލައަށް އެ ތަކެތި ނަގާފައިނުވާ ނަމަ، އެ ތަކެއްޗަކީ ވެރިފަރާތުން ބޭނުންނުވެގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕްރޭޝަނުން ކުރިއަށް ގެންދާނެ ކަމަށާއި، އެ މަސައްކަތުގެ ތެރޭގައި މުދަލަކަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕްރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އެ ނޯޓިސްގައި ވަނީ ބަޔާންކޮށްފައެވެ.
ގަސްކޮށިތައް ނެގި ނަމަވެސް، ފްލެޓް ސަރަހައްދުތައް ފެހިކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި ބައެއް ގަސްތައް ބެހެއްޓުމުގެ ހުއްދަ ފަހުން ދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެއެގޮތުން އެ ސަރަހައްދުތައް ސާފުކުރުމަށް ފަހު، ވަކި އުސޫލެއްގެ މަތިން އަލުން ގަސް އިންދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބުނެފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނީ އިމާރާތްތަކުގެ އަސާސީ ބިންގަލަށާއި، ހޮޅިތަކަށާއި، އަދި ވަށައިގެންވާ ސަރަހައްދަށް ގެއްލުންވާ ފަދަ މޫތައް ބޮޑުވެގެންދާ ބަނބުކެޔޮ ގަސް ފަދަ ބޮޑެތި ގަސްތައް ފްލެޓްތައް ކައިރީގައި އިންދަންހުއްދަ ނުދޭނެ ކަމަށެވެ.












