ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ އަންހެން ދަރިވަރަކަށް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވުނު ޓީޗަރެއްގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިފިއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ އަހްމަދު ޝަރީފް ކިޔާ މީހެއްގެ މައްޗަށެވެ. މިއީ މީގެ ދިހަ އަހަރު ކުރިން ހުށަހަޅާފައިވާ މައްސަލައެކެވެ.
އެނގިފައިވާ ގޮތުގައި ޝަރީފަކީ އިސްލާމް ޓީޗަރެވެ.
މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ދައުލަތުން ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އޭރު އޮތީ ހުކުމްކޮށްފައެވެ.
ދަށު ކޯޓުގެ ނިންމުމުގައިވާ ގޮތުން ޝަރީފްއަކީ ލޮލުގެ ފެނުމާއި އަޑުއިވުމުގެ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތެކެވެ. އެހެންކަމުން ކުލާސްރޫމްގެ ތެރޭގައި ހިނގާދިޔަ ކަންކަމަކީ ގަސްތަކާ ނުލައި އޮޅުމަކުން ހިނގާފައިވާ ކަންކަމަށް ބެލެވޭނެ ކަމަށް ދިފާއުން ދެއްކި ވާހަކަތަކަށް އެ ކޯޓުން ރިއާޔަތްކޮށްފައިވެއެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު ކުއްޖާގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށްވެސް ދަށު ކޯޓުން އޭރު ނިންމާފައިވެއެވެ.
ނަމަވެސް، ދަށު ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން އެ ކޯޓުން ވަނީ މައްސަލަ އަލުން ބަލާފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން އިއްވި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ. އަދި ޝަރީފްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 15 އަހަރަށް ޖަލަށް ލުމަށް ވަނީ އަމުރުކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކަށް ހައިކޯޓުގެ ހުކުމުގައި ވަނީ ފުޅުދާއިރާއެއްގައި ރިއާޔަތްކޮށްފައެވެ. އެގޮތުން އަނިޔާ ލިބުނު ކުދިން ޝަރީއަތަށް ދީފައިވާ ބަޔާންތަކާއި ދައްކާފައިވާ ވާހަކަތަކުގެ އެތެރެފުށާއި ބޭރުފުށުގައި އެއްގޮތްކަން ހުރިކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ޓީޗަރާ މެދު ދޮގު އިލްޒާމެއް އެޅުވުމުގެ އެއްވެސް ނުބައި ނިޔަތެއް ނުވަތަ މަގުސަދެއް އެ ކުދިންގެ ކިބައިގައި ނެތްކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށްވެސް އެ ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.












