މައްކާގައި ބޭއްވި ޤުރްއާން ހިތުން ކިޔެވުމުގެ ދުނިޔޭގެ މުބާރާތުގެ ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ހަތަރު ވަނަ ދިވެހި ދަރިވަރަކު ހޯދައިފިއެވެ.
މި ފަޚުރުވެރި ވަނަ ހާސިލްކޮށްފައިވަނީ މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރުއެވެ. މި މުބާރާތުގެ ހަތަރުވަނައިގެ އިނާމަކަށް ކަނޑައަޅާފައިވަނީ އެއްލައްކަ ހަތްދިހަހާސް ރިޔާލެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތްކަމަށެވެ. އެންމެ ފަހުން މިނިމުނީ މީގެ 46 ވަނަ މުބާރާތް ކަމަށާއި މި މުބާރާތުގައި 133 ޤައުމުން ބައިވެރިވިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަހަރަކީ ތާރީޚުގައި އަންހެން ކުދިން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ. މީގެކުރީން އަންހެން ކުދިންގެ ގޮތްޕެއް މި މުބާރާތުގައި ނޯވެއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މަސްޖިދުލް ޙަރާމްގައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ.
މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މި ހަފުލާގައި ސައުދީ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޚާއްޞަ މެހުމާނެއްގެ ޙައިސިއްޔަތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ މި ހަފުލާގައި ބައިވެރިވެވަޑައިގެންފައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖެ ތަމްސީލުކުރި ބައިވެރިއަކަށް މި މުބާރާތުން ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްކަމަށެވެ. ސަޢުދީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ތަހުނިޔާ ދަންނަވައި ހިތްވަރުދެއްވާފައެވެ.









