މުސްލިމުންނާ ދެކޮޅަށް ހުޅަނގުން ހިންގާ ދީނީ ތަފާތުކުރުންތަކާއި ނަފްރަތުގެ ޢަމަލުތައް އިތުރުކޮށް، ޕޯޗުގަލްގެ ޢާންމު ތަންތަނުގައި މޫނު ނިވާކުރުން މަނާކުރާ ޤާނޫނު އެޤައުމުގެ ރައީސް ވަނީ ތަސްދީޤު ކޮށޑފައެވެ. ހަރުކަށި ކަނާތުފިޔައިގެ ”ޗެގާ“ ޕާޓީން އިސްނަގައިގެން ފާސްކުރި މި ޤާނޫނަކީ ސީދާ މުސްލިމް އަންހެނުންނަށް އަމާޒުކޮށް، އެމީހުންގެ ދީނީ ޙައްޤުތައް ނިގުޅައިގަނެ، މުޖުތަމަޢުން އެކަހެރިކުރުމަށް ހިންގި ޢުދުވާނީ ޢަމަލެކެވެ. މި ޤާނޫނުގެ ދަށުން މޫނު ނިވާކުރާ މީހުން 150 ޔޫރޯ އާއި 3,000 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ޤައުމީ ސަލާމަތާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނަމުގައި މި ޤާނޫނު ގެނެސްފައިވީ ނަމަވެސް، މީގެ އަޞްލު މަޤްޞަދަކީ މުސްލިމް އަންހެނުންގެ އަބުރާއި ދީނީ ޙައްޤުތަކަށް އަރައިގަނެ، އިސްލާމީ ޝިއާރުތައް ނައްތާލުމެވެ. އިންސާނީ ޙައްޤުތަކާއި އަންހެނުންގެ މިނިވަންކަމުގެ ނަމުގައި މުޅި ދުނިޔެއަށް ނަސޭހަތްދޭ ހުޅަނގުގެ ޤައުމުތަކުން، މުސްލިމުންގެ ޙައްޤުތަކާ ޖެހުމުން އެ އުޞޫލުތައް ކަނޑާލައެވެ. މިއިން ދައްކުވައިދެނީ ހުޅަނގުގެ ”އިންސާނީ ޙައްޤުތަކުގެ“ ޝިއާރަކީ ހަމައެކަނި އަމިއްލަ އެޖެންޑާ ޙާޞިލުކުރަން ބޭނުންކުރާ މާސްކެއް ކަމެވެ.
ޕޯޗުގަލްގެ މި ނިންމުމަކީ ފްރާންސް، އޮސްޓްރިއާ އަދި ނެދަލޭންޑްސް ފަދަ ހުޅަނގުގެ ޤައުމުތަކުން ’ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ‘ ނަމުގައި އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކާ ދެކޮޅަށް މުސްލިމުން ނިކަމެތިކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުންދާ ޢާލަމީ ހަނގުރާމައެކެވެ.













