ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރޭނުގެ އެކި ސަރަހައްދުތަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި މަދުވެން 5 މީހުން މަރުވެ 11 މީހުން ޒަޚަމްވެއްޖެއެވެ. އެންމެ ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ކުރީގެ ހަނގުރާމައިގެ ސަފުތަކާ ކައިރީގައިވާ ޚާރްސަން ސިޓީގައެވެ. ޚާރްސަންގެ ގަވަރުނަރު އޮލެކްސަންޑްރް ޕްރޮކޫޑިން ހާމަކުރި ގޮތުގައި، އާންމުން ދަތުރުކުރި ބަހަކަށް ރަޝިޔާގެ ޑްރޯނަކުން ދިން ސީދާ ހަމަލާއެއްގައި ބަހުގައި ތިބި 4 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 4 މީހަކު ވަނީ ޒަޚަމްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
ޒަޕޮރީޜިއާގެ ގަވަރުނަރު އިވާން ފެޑޮރޯވް ބުނިގޮތުގައި، ރަޝިޔާގެ ޑްރޯންތަކުން ދިން ޙަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކުގައި އަލިފާން ރޯވެ، އެކަކު މަރުވެ 7 މީހުން ވަނީ ޒަޚަމްވެފައެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާގެ ސަރަހައްދުތަކަށް އަމާޒުކޮށް ޔޫކްރޭނުން ފޮނުވާލި 453 ޑްރޯން ވަނީ އަތުލައިގަނެ ނައްތާލާފައެވެ. ދެޤައުމުގެ ދެމެދުގައި ދެވޭ ވައިގެ ހަމަލާތައް އިތުރުވެފައިވާއިރު، މި ފަހަކަށް އައިސް އާންމުން މަރުވާ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.













