ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭ، ޒަމާނީ ”ސްޓޭޓް އޮފް ދި އާޓް“ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށްޓަކައި އެތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމެވީ، އެ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފެންވަރު މަތިކުރުމުގެ މަޤްޞަދުގައެވެ. މި މަޝްރޫޢުގެ ދަށުން މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ބާ އިމާރާތެއްގައި ހިންގަމުން އަންނަ މި މަރުކަޒުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެތަނުގައި ވަސީލަތްތައް ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ބަލިމީހުންނަށް ބޭނުންވާ އެނދާއި ކާބޯތަކެތީގެ އިންތިޒާމުތައް ވަނީ ރަނގަޅުކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ އަޕްގްރޭޑިންގ މަސައްކަތްތަކުގެ އިތުރުން، އައު އެކޮމޮޑޭޝަން ބްލޮކެއް ޢިމާރާތް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުން އަނބުރާ މުޖުތަމަޢަށް ނެރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ފަރުވާއަށްފަހު އެ ފަރާތްތައް މުޖުތަމަޢަށް ދޫކޮށްލުމުގެ ކުރިން، ޢާއިލާތަކާއި ކަމާބެހޭ މުއައްސަސާތަކަށް މަޢުލޫމާތު ދީ، އެމީހުންނަށް ރައްކާތެރި އަދި ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ. އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ފަހިކޮށްދީ، ޢާއިލާއަށް ބުރައަކަށް ނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްކޮށްދިނުމަކީވެސް މި ސިޔާސަތުގެ މުހިންމު ބައެކެވެ.
މި ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން، ސިއްޙަތާއި ޢާއިލީ އަދި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވަޒީރު ޤީލާ އަލީ މީގެކުރިން މަޖިލީހުގައި ވިދާޅުވެފައިވަނީ، ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުންދިޔަ 60 މީހަކަށް ކާމިޔާބުކަމާއެކު ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރެވިފައިވާ ކަމަށެވެ.












ހިޔާލަކީ ތިމަރުކަޒުގަ އުޅޭ މީހުންނައް އެއްކަލަ ތިންހާސް ރުފިޔާގެ އިނާޔައް ލިބޭތޯ
ތިތަން ބަދަލު ކުރަންވީ ހުޅުމާލެއަޢް