ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އޭނާ ދެ މަސްދުވަހަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސިވިލް ކޯޓުގެ ޤާޟީ އިޙްސާންއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން، މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާފައިވާ ކަމަށެވެ. އަދި ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހުގެ މުއްދަތަށް އޭނާ މަޤާމުގެ މަސައްކަތުން ދުރުކުރުމަށް (ސަސްޕެންޑް ކުރުމަށް) ކޮމިޝަނުގެ ޖަލްސާގައި ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ޖޭއެސްސީން ޤާޟީ އިޙްސާން ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާއާ ޙަވާލާދީއެވެ.
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމިއިރު، އޭނާއާ ގުޅޭ މައްސަލައެއް އެ ކޯޓުގެ މުވައްޒަފުންގެ ފަރާތުންވެސް ވަނީ އެ ކޮމިޝަނަށް ހުށަހަޅާފައެވެ.










