ކީރިތި ގުރުއާނުގެ އާޔަތްތަކަށް ސައުންޑް އިފެކްޓްސް ލައިގެން މީމް ހަދައި ހަޖޫޖެހުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ރާއްޖެޓީވީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހު ހއ. އުތީމުގައި ބޭއްވި ބޮޑުތަކުރުފާނު ދޮރާށި ހުޅުވާދެއްވުމުގެ ރަސްމިއްޔާތުގައި، ގުރުއާން ކިޔަވަން ހުރި ކުއްޖާ ގާތު ކިޔެވުން ކުރުކޮށްލަން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވީ ރައީސްގެ ދެކަނބަލުންނަށް ހޫނުވާތީ ކަމަށް ބުނެ ރާއްޖެޓީވީން ފަތުރަމުން އަންނަ ހަބަރުތަކާއި ވީޑިއޯތަކާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަނާބު ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޖަނާބު ވިދާޅުވީ މާތްވެގެންވާ ކީރިތި ގުރުއާނަށް މަލާމާތްކޮށް ހަޖޫޖެހުމަކީ ދިވެހިރާއްޖެ ފަދަ މުސްލިމް ގައުމެއްގައި އެއްގޮތަކަށް ވެސް ޖާގަދެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ކަމެއް ކުރުމުން ދިވެހި ރައްޔިތުންގެ ކިބައިން ރާއްޖެޓީވީން މައާފަށް އެދެންޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކީރިތި ޤްރުއާން ސައުންޑް އެފްއެކްސް ލައިގެން މީމަކަށް ހަދައި ޖޯކު ޖެހުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫން ޜާއްޖެޓީވީން ދިވެހިރަށްޔިތުން ކިބައިން މާފަށް އެދެން ޖެހޭ އަދި މީޑިޔާ ރެގިއުލޭޓަރުން ފިޔަވަޅު އަޅަންޖެހޭނެ@mmc_mv @min_mohst @MMTVmv
— Ibrahim Muhammad (@ibrahimjanab) August 17, 2026
ޖަނާބު އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މީޑިއާތައް ރެގިއުލޭޓްކުރާ ކަމާބެހޭ އިދާރާތަކުން ރާއްޖެޓީވީއާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އޭނާގެ ޕޯސްޓުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ފަދަ ކަމާގުޅުންހުރި އިދާރާތައް ޓެގްކުރައްވައި މި މައްސަލަ ބެލުމަށް ވަނީ ގޮވާލައްވައިފައެވެ.
ނޫސްވެރިކަމުގެ ނަމުގައި ރާއްޖެޓީވީ އާއި އިދިކޮޅު އެމްޑީޕީން ފަންޑުކުރާ ދެތިން ނޫހެއް ގައުމުގެ އިޖުތިމާއީ ފޭރާން ވީދާލާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. މީގެ ކުރިން ވެސް އެމްޑީޕީން ފަންޑުކުރާ ޓީވީ ޗެނަލްތަކާއި ނޫސްތަކުން ކާޓޫނު ކުރަހައިގެންނާއި އެކި ގޮތްގޮތަށް އިސްލާމްދީނަށް ހަޖޫޖަހާފައިވާކަން ފާހާގަކޮށްލެވެއެވެ.












