އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަމުން އަންނަ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރުތަކަކީ ސައްހަ ހަބަރުތަކެއް ނޫން ކަމަށެވެ.
ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މާލެ ސިޓީ ނޫން އެހެން އެއްވެސް ރަށެއްގައި ބޭރު ގައުމުއެއްގެ ކޮންސުލޭޓެއް ގާއިމުކުރުމާމެދު ދިވެހި ސަރުކާރުން އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވެއެވެ. އަދި މިކަމަކީ ކަމާބެހޭ ގުޅުންހުރި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން މެނުވީ ނުނިންމޭނެ ނިންމުމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް ކަމަށެވެ.
މިނިސްޓްރީން ވަނީ ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.













