ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކޮވިޑްގެ ދުވަސްވަރު ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް، ވެންޓިލޭޓަރުތައް ދިރުވާލި ވާހަކަ ދެއްކެވުމުން، މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީ ކައުންސިލަރުން ރުޅިގަދަވެ، ވިލިމާލޭގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތަށް ބިން ދިނުމަށް ވޯޓު ނުދޭނެ ކަމަށް ބުނެ ހުރަސްއަޅައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި މި މައްސަލަ ހޫނުވީ، ވިލިމާލޭގައި އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަވަސްކުރުމަށްޓަކައި ވަގުތީ ދެ ސައިޓެއް ހަމަޖައްސައިދިނުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިފައިވާތީ، އެކަމާ ގުޅޭގޮތުން ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލަރު ސަމާހު ވިދާޅުވީ، މި ސަރުކާރުން މިއުޅެނީ ކުރީގެ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް ވެންޓިލޭޓަރުތައް ދިރުވާލި ފަދަ ކަމެއް ކުރަން ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ސިއްހަތަށްޓަކައި އަދުގެ ސަރުކާރުން ކުރާ މިފަދަ ކަންކަމަށް ޖެއްސުން ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ ހޮސްޕިޓަލުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ވަގުތީ ސައިޓެއް ކައުންސިލުން ހަމަ ޖައްސައިދޭން ޖެހޭ. ކައުންސިލުގެ އެއްބާރުލުން ލިބިގެން މެނުވީ މިކަން ކުރިއަށް ނުދާނެ. ސަރުކާރަށްވެސް ފަސޭހަވެގެންދާނީ ކައުންސިލުން އެއްބާރުލުން ދީގެން. މިއުޅެނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް ވެންޓިލޭޓަރު ދިރުވާލުން ކަހަލަ ކަމެއް ކުރާކަށްނޫން.. ރައްޔިތުންގެ ސިއްހަތަށް އަދުގެ ސަރުކާރުން ކުރާ ކަމަކަށް، ޖެއްސުން ކުރުމަކީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް“ ސަމާހު ވިދާޅުވިއެވެ.
ސަމާހު މި ހަގީގަތް ހާމަކުރެއްވުމާއެކު، ކައުންސިލްގައި ތިއްބެވި އެމްޑީޕީގެ ކައުންސިލަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ، ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ސައިޓްތައް ދޫކުރުމަށް ވޯޓު ނުދޭނެ ކަމަށް ބުނެ މި މުހިންމު މަޝްރޫއަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
އެމްޑީޕީ މެންބަރުންގެ މި އަމަލާ ގުޅިގެން ސަމާހު އިތުރަށް ވިދާޅުވީ، ވިލިމާލޭގައި ތަރައްގީކުރާ މި ހޮސްޕިޓަލަކީ ވިލިމާލޭގެ ރައްޔިތުންނާއި މުޅި މާލެ ސިޓީގެ ރައްޔިތުންނަށް ވެސް އިންތިހާއަށް ގިނަ ލާބައާއި މަންފާތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ. އަދި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބިގެން މެނުވީ މި މަސައްކަތް ކުރިއަށް ނުދާނެ ކަމަށާއި، މިކަމަށް އެއްބާރުލުން ދިނުމަކީ ސަރުކާރަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ސިޔާސީ ޖެއްސުންކުރުންތައް އެއްކައިރިކޮށް، ހޮސްޕިޓަލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ވަގުތީ ސައިޓްތައް ހަމަޖައްސައިދިނުމަށް ކައުންސިލަރު ސަމާހު ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.









