ހޮރްމޫޒް ކަނޑުއޮޅިއަކީ ”އެމެރިކާގެ އާ ސަރަހައްދެއް“ ކަމަށް ސިފަކޮށް މެޕެއް އާންމުކުރުމަށްފަހު، އީރާނާއެކު އެއްވެސް ސުލްޙައިގެ މަޝްވަރާއެއް ނުހިންގާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ’ޓްރޫތު ސޯޝަލް’ގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ފުރިހަމައަށް ހިނގަމުންދާ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ އެމެރިކާގެ އަސްކަރިއްޔާގެ ދަށުގައި ކަމަށެވެ. އަދި އީރާނާއެކު އެއްވެސް ސިޔާސީ ނުވަތަ އަސްކަރީ މަޝްވަރާއެއް ރޭވިފައި ނެތް ކަމަށްވެސް އޭނާ ބުންޏެވެ.
ޓްރަމްޕް ވަނީ ހޮރްމުޒް ކަނޑުއޮޅި އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި އިއުލާންކުރުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް ބުނެ، އެމެރިކާގެ ބްލޮކޭޑްގެ ސަބަބުން ސަރަހައްދުގެ ނުފޫޒު އެމެރިކާއަށް ލިބިފައިވާކަމަށް ބުނެފައެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ ޓްރަމްޕްގެ ދަޢުވާތައް ދޮގުކޮށްފައެވެ. އީރާނުން ބުނީ އެމެރިކާގެ ބްލޮކޭޑާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް ހޮރްމުޒް ކަނޑުއޮޅިން އާންމު ދަތުރުފަތުރަށް ހުޅުވާނުލާނެ ކަމަށެވެ.
ދެޤައުމުގެ ދެމެދުގައި އެކުލަވާލި 60 ދުވަހުގެ ސީޒްފަޔަރ (ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ) މުއްދަތު ހަމަވުމާ ގުޅިގެން، ގަލްފު ސަރަހައްދުގެ މަސްރަޙު ވަނީ އިތުރަށް ގޯސްވެ، ތެޔޮ އުފުލާ އުޅަނދުފަހަރަށް އޮތް ނުރައްކާ ބޮޑުވެފައެވެ.













