ދިވެހިރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ރަށްރަށުގެ ކުރިމަގާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ހާމަކޮށްދޭ ޚާއްޞަ އިންޓަރެކްޓިވް މައުރަޒު، ”ޕަލްސް – އާބާދީގެ ވިންދު 2045“ ނޭޝަނަލް އާޓް ގެލަރީގައި ރަސްމީކޮށް ފަށައިފިއެވެ.
މި އެގްޒިބިޝަން ކުރިއަށްދާނީ އޮގަސްޓް މަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް އާޓް ގެލަރީގައެވެ.
ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެގްޒިބިޝަން ރަސްމީކޮށް ހުޅުވައިދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ އާއި އ.ދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، ހައި ޒަންގއެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އެގްޒިބިޝަނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އާބާދީއަށާއި އިޖުތިމާޢީ ދާއިރާއަށް އަންނާނެ ބަދަލުތަކާއެކު، 2045 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ މިސްރާބު ހުންނާނެ ގޮތުގެ ތަޞައްވުރު ޒަމާނީ ފަންނުވެރި ގޮތެއްގައި އާންމުންނަށް ގެނެސްދިނުމެވެ. މިގޮތުން އެގްޒިބިޝަންގެ މަޢުލޫމާތުތައް ފަރުމާކޮށްފައިވަނީ ޑިޖިޓަލް ގްރާފާއި، ތަފާތު ޑިޖިޓަލް ކުރެހުންތައް ފަދަ އާޓިސްޓިކް ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
މި އެގްޒިބިޝަން ބައްލަވާލެއްވުމަށްފަހު ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޒުވާން ޖީލު ޝައުގުވެރިވާނެ ފަދަ އީޖާދީ ގޮތްތަކަކަށް ތަފާސްހިސާބު ފަދަ މުހިންމު މަޢުލޫމާތުތައް ގެނެސްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި މައުރަޒަކީ މަޢުލޫމާތު ހޯދުމަށް ވަރަށް ޝައުގުވެރި މާހައުލެއް ފަހިކޮށްދީފައިވާ، މިފަދަ ފުރަތަމަ އެގްޒިބިޝަންކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި އެގްޒިބިޝަނާ ގުޅޭގޮތުން ޔޫއެންއެފްޕީއޭ (UNFPA) ގެ ރާއްޖޭގެ އޮފީހުގެ ވެރިޔާ ޝާދިޔާ ވިދާޅުވީ، ރާއްޖޭގައި ތަފާސްހިސާބުތައް އެއްކުރި ނަމަވެސް، ޤައުމީ ފެންވަރުގައި ކަންކަން ޕްލޭންކުރުމުގައި އެ މަޢުލޫމާތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭ ކަމަށެވެ. އެހެންކަމުން މި އެގްޒިބިޝަންގެ މައިގަނޑު މަޤްޞަދަކީ މީހުންނާ ގުޅޭގޮތަށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަފާސްހިސާބުގެ މަޢުލޫމާތުތައް ސާދާކޮށް އޮޅުންފިލުވައިދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ.








