ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ހައްޖު ކޯޕަރޭޝަނުގެ އިސްވެރިން ސްޓޭޓް ފާމާގެ މެނޭޖްމަންޓާ މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގުސަދެއް ކަމަށް ސްޓޭޓް ފާމާއިން ބުނެފައިވަނީ، ހައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ސިއްހީ ސާމާނު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުން ކަމަށެވެ.
މި ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، މީގެ ކުރިން ހައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތައް މެދުވެރިކޮށެވެ. ނަމަވެސް، ބޭސް ހޯދުމުގެ ކަންކަން އެއް ނިޒާމެއްގެ ދަށުން މިއަށްވުރެ ރަނގަޅަށް އިންތިޒާމުކުރުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމަށް އެ ކޯޕަރޭޝަނުން ޝައުގުވެރިވާކަން ހާމަކޮށްފައިވާ ކަމަށް ސްޓޭޓް ފާމާއިން ވަނީ ބުނެފައެވެ.
ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދޭ މައި ކުންފުނީގެ ހައިސިއްޔަތުން، ސްޓޭޓް ފާމާއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ކުންފުންޏެވެ. އެހެންކަމުން، ހައްޖު ކޯޕަރޭޝަނާއެކު ގާއިމުކުރެވޭ މި ގުޅުމަކީ، ގައުމީ މުއައްސަސާތަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާއަށް އެހީތެރިވެދެވޭނެ މުހިންމު އިތުރު ދާއިރާއެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ހައްޖު އަދި އުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދުމުގެ ކަންކަން ދެމެހެއްޓެނިވި އަދި ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.












