ސޫރިޔާގެ އުތުރުން އިދްލިބް ޕްރޮވިންސްގެ އިރުމަތީ ބިތުގައިވާ އަބޫ އަލް-ދުހުރް އަސްކަރީ އެއާޕޯޓުގެ ރަންވޭއަށް އަމާޒުކޮށް އިޒްރޭލުން ވައިގެ 8 ޙަމަލާ ދީ، އެއާޕޯޓުގެ ދަތުރުފަތުރުތައް ހުއްޓުވާލައިފިއެވެ. ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، އިޒްރޭލުގެ އަސްކަރީ ބޯޓުތަކުން ދިން މި ހަމަލާތައް ސީދާ އަމާޒުކޮށްފައިވަނީ އެއާޕޯޓުގެ މައި ރަންވޭއަށާއި އަސްކަރީ އުޅަނދުފަހަރު ލޭންޑްކުރާ ސަރަހައްދުތަކަށެވެ. މި ހަމަލާގައި އެއްވެސް މީހަކު މަރުވެ ނުވަތަ ޒަޚަމްވެފައި ނުވިނަމަވެސް، ރަންވޭ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މި ޙަމަލާ ދީފައިވަނީ އެ އެއާޕޯޓުގެ ރަންވޭތައް އަލުން މަރާމާތުކޮށް ބޭނުންކުރަންެއުޅޭ ކަމުގެ މައުލޫމާތު ލިބި، ތުރުކީގެ ޓީމަކުން އެ ތަން އިންސްޕެކްޓްކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައެވެ. މި ޙަމަލާތަކުގެ ސަބަބުން އަބޫ އަލް-ދުހުރް އެއާޕޯޓުގެ ރަންވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެއާޕޯޓުން ބޯޓުފަހަރާއި ޑްރޯންތައް އުދުއްސުން ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އަބޫ އަލް-ދާހިރު އަސްކަރީ އެއާޕޯޓަކީ އިދްލިބާއި، ޙަލަބް (އަލެޕޯ) އަދި ޙަމާ ގުޅޭ އިސްތިރާތިޖީ ސަރަހައްދުގައި އޮންނަ، އަސްކަރީ ލޮޖިސްޓިކްސް އާއި ޑްރޯން ހަރަކާތްތަކަށް ބޭނުންކުރާ މުހިންމު މަރުކަޒެކެވެ.
ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން އެ އެއާޕޯޓަށް ދެވުނު ފުރަތަމަ ހަމަލާއަށް މި ހަމަލާ ވެގެންގޮސްފައިވާއިރު، އިސްރާއީލުން ދަނީ ސޫރިޔާގެ އަސްކަރީ ވަސީލަތްތައް އަލުން ބިނާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ޙަމަލާތައް ދެމުންނެވެ. މިޙަމަލާގައި ލިބުނު މާއްދީ އަދި އިންސާނީ ގެއްލުންތަކުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.













