ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ މުއްދަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ދައުރުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ކޮންމެ އަހަރަކުވެސް ތިން ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެގޮތުން މިއަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް އާންމު އުސޫލުން ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާންޖެހެއެވެ.
ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން މިއީ ދައުރުގެ މުއްދަތު އިތުރުކުރި ދެ ވަނަ ފަހަރެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް މިދިޔަ ހަފުތާގައި ވަނީ މުއްދަތު އިތުރުކޮށްފައެވެ. މިއަދު މިވަނީ މި މަހުގެ 27ގެ ނިޔަލަށް ދައުރު ދަންމާލާފައެވެ.
ދައުރު ހަމަވި ނަމަވެސް މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ދައުރުގެ މުއްދަތު އިތުރުކުރެވެއެވެ. އެގޮތުން މި އަހަރުގެ ދެވަނަ ދައުރު ދެވަނަ ފަހަރަށް އިތުރުކުރުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 50 އަށް ވުރެ މެންބަރުންގެ ވޯޓުންނެވެ.













