މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތްތައް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ބައެއް ވިޔަފާރިވެރިންނާއެކު ބައްލަވާލައްވައިފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު މަޝްރޫޢެކެވެ. ރައީސް ޑރ. މުޢިއްޒު ވަނީ އަންނަ އަހަރުގެ (2027) ނޮވެންބަރު މަހު މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އިޢުލާނު ކުރައްވާފައެވެ. އެގޮތުން ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ ޕޯޓެއްގެ ގޮތުގައި 2027 ވަނަ އަހަރުގެ ނޮވެންބަރު މަހަށް މި މަޝްރޫޢު ނިންމައި ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް އިތުރު ކުރިއެރުމެއް ހޯދުމުގެ ގޮތުން، މި މަޝްރޫޢުގެ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ހެދުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ޗައިނާގެ ސީ.އެޗް.އީ.ސީ (CHEC) ކުންފުންޏާ ދެމެދު ވަނީ ސޮއިކޮށްފައެވެ. މިއީ މުޅި މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ ދަށުން، ބައިނަލްއަޤްވާމީ މުދާ އުފުލާ ބޮޑެތި ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްޞަކޮށްގެން، 14.6 މީޓަރުގެ ފުންމިނުގައި 375 މީޓަރު ދިގު އިންޓަރނޭޝަނަލް ކީ-ވޯލްއެއް ތަރައްޤީކުރެވޭނެއެވެ. މީގެއިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްޞަކޮށްގެން، 5 މީޓަރުގެ ފުންމިނުގައި 820 މީޓަރު ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމުމުން، މާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމައި، ޒަމާނީ ފެންވަރުގެ ވިޔަފާރި ބަނދަރެއްގެ ޚިދުމަތް ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ.












