ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމްޕީބީ) ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ އިފުތިތާހީ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން ’އެމްޕީބީ ޕްލަސް“ އާއި އިންޓަރނެޓް ބޭންކިންގ ހިދުމަތް އިފުތިތާހުކޮށްދެއްވާފައެވެ.
އެމްޕީބީއަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. ބޭންކުގެ މަގުސަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ހިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަގުވާމީ މައިދާނުން ފަހި ފުރުސަތުތައް ހޯދައިދިނުމެވެ. އެމްޕީބީގެ ހިދުމަތްތައް ފަރުމާކުރެވިފައިވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ހިދުމަތްދިނުމަށް ކަމުގައި އެ ބޭންކުން ހާމަކުރައްވައެވެ.
ރައީސް މުޢިއްޒުގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރ އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމްޕީބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙް އާއި، އެމްޕީބީގެ ބޯޑު މެންބަރުންނާއި، އިސް އޮފިޝަލުންނާއި، ބޭންކުގެ ޕާޓްނަރުންނާއި، ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ގިނަ އަދަދެއްގެ ބޭފުޅުން މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.











