މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅައިފިއެވެ.

ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އެ ވުޒާރާއިން ކުރި އިއުލާނުގައި ވާ ގޮތުން، މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައަޅާނެއެވެ. އަދި ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އަދި އިއުލާނާއެކު ޕްރޮފޯޒަލްގައި ހިމަނަން ބޭނުންވާ މައިގަނޑު ބައިތައް ހިމެނޭ ލިޔުމާއި އަޟްޙާ ޢީދު ފާހަގަކުރާ ރަށްރަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ ލިޔުން ވެސް ވަނީ ކަނޑައަޅާފައެވެ.
ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން 7 ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށަކާއެކު ޖުމްލަ 26 ރަށަކުން ވަނީ ހުށަހެޅުންތައް ލިބިފައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ބައެއް ރަށްރަށުން އިއުލާނުގައިވާ ސުންގަޑީގެ ފަހުން ހުށަހެޅުންތައް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށެވެ.