މާލެ ޓެކްސީ އެޕްގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުކޮށްލި މުވައްޒަފު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މީގެ ދެ ދުވަސް ކުރިން ފެންމަތިވި މި މައްސަލައާ ގުޅިގެން މާލެ ޓެކްސީ އެޕް ހެކުކުރީ ކަމަށް ބުނެ އާންމުންގެ ބައެއް ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މި އެޕްގެ ކަންކަން ބަލަހައްޓަމުންގެންދާ އެމްޓީސީސީން ވަނީ މިކަން ދޮގުކޮށްފައެވެ. އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެޕުގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައިވާ މައުލޫމާތުތަކަށް ބަދަލު ގެނައުމަށްފަހު، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި އާންމުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން ވަނީ ކަށަވަރުކުރެވިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުކުރި މުވައްޒަފު ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް އޭނާގެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިކަން އެ ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމުގެ ސަމާލުކަމަށް އައުމާއެކު، ވަގުތުން ފިޔަވަޅު އަޅައި ސިސްޓަމް ނިއްވާލުމަށްފަހު ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެވުނު ކަމަށެވެ. އަދި ކުންފުނީގެ ސާވަރ އާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް އެރޭގެ 23:30 ހާއިރު ރައްކާތެރިކަމާއެކު އަލުން ރީސްޓޯރކޮށް، ސަލާމަތީ ކަންކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެހެންކަމުން މާލެ ޓެކްސީ ލައިންގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.












