ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ދެ ބޭފުޅަކު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އިއްތިފާޤުން ނިންމައިފިއެވެ.
އެލްޖީއޭގެ ބޯޑަށް މަޖިލީހުން ޢައްޔަންކުރައްވާ މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، މަޖިލީހުން ކަނޑައަޅުއްވާ މެމްބަރުންގެ ގޮތުގައި އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ ދިހަ ވަނަ ދުވަހުއެވެ.
އެ މަނިކުފާނު ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަންކުރައްވާ މެންބަރުގެ ނަންފުޅެވެ.
މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ. އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަންފުޅެވެ.
މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ހުށަހަޅުއްވާފައިވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާއެވެ.
އެ ދެ ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު، އެ ބޭފުޅުންނަށް އެވްރެޖްކޮށް 65 އަކަށް ވުރެ މަތިން މާކްސް ލިބިފައިވާތީ، އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަކަމަށް ކޮމިޓީން ފާސްކުރެއްވީ އެ ވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތއްބެވި މެމްބަރުންގެ އިއްތިފާޤުންނެވެ.
ޖުމްލަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑަށް މި ބޭފުޅުން އައްޔަންކުރުމުގެ ކަންކަން ކުރިއަށްދާނީ ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެންނެވެ.











