އެމެރިކާގެ ސިފައިންގެ މީހަކު މަރާލައިފި ނުވަތަ އަތުލައިގެންފިނަމަ 30,000 ޑޮލަރުގެ (5 ބިލިއަން ތޯމާން-އީރާނު ފައިސާ) އިނާމެއް ދޭނެކަން އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް ބްރިގޭޑިއާ ޖެނެރަލް އާމިރު ހާތަމީ ޢިއުލާންކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، މި އިނާމު އިއުލާންކޮށްފައިވަނީ އާންމުންގެ ގިނަ އަދަދެއްގެ މީހުން ”މާލީ ޖިހާދު“ ގައި ބައިވެރިވުމަށް އެދެމުންދިއުމާ ގުޅިގެންނެވެ.
އަދި އީރާނުގެ އަންހެނަކު މިފަދަ އަމަލެއް ހިންގައިފިނަމަ، ދޭ އިނާމުގެ އަދަދު ދެގުނައަށް ބޮޑުކޮށް 60,000 ޑޮލަރަށް އިތުރުވާނެކަމަށް ހާތަމީ ބުނެފައިވެއެވެ. އެމެރިކާ ސިފައިންނާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރު އޭގެ އަސްލު އަގަށްވުރެ ދެގުނަ ބޮޑު އަގުގައި އަސްކަރިއްޔާއިން ގަނެ، އާ ހަތިޔާރެއް ބަދަލުގައި ދިނުމަށްފަހު، ބޭނުންކުރި ހަތިޔާރު މިއުޒިއަމެއްގައި ރައްކާކުރެވޭނެއެވެ.
އީރާނުގެ އެތެރޭގައި އެމެރިކާގެ އެއްގަމު ސިފައިންގެ އެއްވެސް ހަރަކާތެއް ނެތް ނަމަވެސް، މީގެ ސަބަބުން ސަރަހައްދުގެ އެހެން ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންނަށް އޮތް ނުރައްކާ ވަނީ ބޮޑުވެފައެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ މަނަވަރުތަކަށް ފާރސީ ގަލްފާއި ހޮރްމުޒް ކަނޑުއޮޅިއަށް ވަނުމުގެ ހުއްދަ ދެން ނުލިބޭނެކަމަށް ބުނެ އިންޒާރުދީފައެވެ.












