ވިލިމާލެ ޑިންގީ ޖެޓީއެއް ތަރައްޤީކުރުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މުހިންމު ދެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކުރުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ.
ގާތްގަނޑަކަށް 6,755 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިތްގައިމު ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ 45.66 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 1.09 ހެކްޓަރުގެ ބިން ހިއްކުމާއި، 150 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 181 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ރައްޔިތުންނަށް ރައްކާތެރި ގޮނޑުދޮށެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، ވިލިމާލެ ޑިންގީ ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 14.91 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 3 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 74 މީޓަރުގެ އެއްގަމުތޮށި ލުމާއި، 24 މީޓަރުގެ ބޭރުތޮށްޓެއް ލުމުގެ އިތުރުން 74 މީޓަރު ދިގު، ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި ޖެޓީ ތަރައްޤީކުރެވުމާއެކު، އެކި ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ދަތުރުވެރިންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ އަދި އިޖުތިމާޢީ ވަޞީލަތްތައް ޤާއިމުކުރުމުގެ ގިނަގުނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގާ ނިންމައިދީ، ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.












