ޔޫކްރޭނުގެ ބޯޑަރުން 900 ކިލޯމީޓަރު އެތެރޭގައިވާ ރަޝިއާގެ ސަމާރާ ސަރަޙައްދުގައި ހުންނަ ”ޕްރޮގްރެސް“ ރޮކެޓް އެންޑް ސްޕޭސް ސެންޓަރަށް އަމާޒުކޮށް ޔޫކްރޭނުން ދުރު ރާސްތާގެ ފްލެމިންގޯ މިސައިލް ޙަމަލާތަކެއް ދީފިއެވެ. ޔޫކްރޭނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ މި ޙަމަލާ ކަށަވަރުކޮށްދީފައެވެ. އޭނާ ބުނީ، ރަޝިއާ ސުލްޙައަށް މަޖުބޫރުކުރެވޭނީ އެޤައުމުގެ އަސްކަރީ-ސިނާޢީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީގެން ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 19 ސަރަޙައްދަކުން ޔޫކްރޭނުގެ 600 އާ ގާތްކުރާ އަދަދަކަށް ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިއާގެ ވައިގެ ދިފާޢީ އިދާރާތަކުން ބުނެއެވެ.
ސަމާރާގައިވާ ޕްރޮގްރެސް ސެންޓަރަކީ ރަޝިއާގެ އަސްކަރީ ޖާސޫސީ ސެޓެލައިޓްތައް ފޮނުވުމަށް ބޭނުންކުރާ ސޯޔުޒް-2 ރޮކެޓްތަކާއި އަސްކަރީ އިލެކްޓްރޯނިކްސް އުފައްދާ މައި ކާރުޚާނާއެވެ. މި ޙަމަލާގެ ސަބަބުން އެ ކާރުޚާނާގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ޙަމަލާގައި ބޭނުންކޮށްފައިވަނީ ޔޫކްރޭނުން އަމިއްލައަށް އުފައްދާފައިވާ ’FP-5 ފްލެމިންގޯ‘ ކްރޫޒް މިސައިލެވެ. ސަމާރާގެ އިތުރުން، ރަޝިއާގެ ކިންޖާލް މިސައިލް އުފުލާ މިގް-31ކޭ ޖެޓްތައް ބޭސްކުރާ ނިޜްނީ ނޮވްގޮރޮޑްގެ ސާވަސްލެއިކާ އެއާބޭސްއަށްވެސް ޔޫކްރޭނުން ވަނީ ޙަމަލާދީފައެވެ.













