މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ރަސްމާލޭ ބިންހިއްކުމުގެ މަޝްރޫއުގެ 55 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 11 ސައިޓަކަށް ބަހާލައިގެން ހަލުވި ދުވެއްޔެއްގައި މި މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް ވަނީ 556.54 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފައެވެ. މިއީ މުޅި މަޝްރޫއުގެ 55.16 އިންސައްތަ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި، މާލޭގެ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއު އެއްކޮށް ނިމިގެންދާއިރު، ޖުމްލަ 65،000 ގެދޮރުވެރިކަމުގެ ފުރުސަތު ރައްޔިތުންނަށް ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މީގެއިތުރުން، ރަސްމާލެ ތަރައްގީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށްޓަކައި ބޭނުންވާ ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް ހައުސިންގ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ. މި މާސްޓަރ ޕްލޭންގެ މައިގަނޑު އަމާޒަކީ ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި، އަސާސީ ޔުޓިލިޓީ ހިދުމަތްތަކާއި ދަތުރުފަތުރުގެ ނިޒާމު ފުރިހަމައަށް ގާއިމުވެފައިވާ، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ (އެކްސެސިބަލް) ފުރިހަމަ ސިޓީއެއްގެ ގޮތުގައި ފަރުމާކުރުމެވެ.
ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 18 ޑިސެންބަރު 2023 ވަނަ ދުވަހުއެވެ. އަދި މަޝްރޫއުގެ ދުވެލި އިތުރަށް ހަލުވިކުރުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން މަސައްކަތްތައް އަލުން ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުއެވެ.













