ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް، ދ. މާއެނބޫދޫ، މަލާޒް، އަލްއުސްތާޛު އާދަމް ޝަމީމް ޢައްޔަންކުރައްވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރެއިން، ޝަރުތު ފުރިހަމަވެ އަދި އިންޓަވިއު މަރުހަލާއިން އެންމެ މަތީ މާކްސް ހޯއްދަވާފައިވަނީ އަލްއުސްތާޛު އާދަމް ޝަމީމް ކަމަށެވެ. މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމަށް ޢައްޔަންކުރެއްވުމާއި ގުޅިގެން، ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި މަރުޙަބާ ދަންނަވަން. pic.twitter.com/8AWEwmtJbN
— Judicial Service Commission (@MaldivesJSC) August 16, 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގެ އިދާރީ ކަންކަން ރާވައި ހިންގުމާއި، މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުއްލަވާ ފަރާތެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ބާއްވާ ތަމްރީނު ޕްރޮގްރާމްތަކާއި، ސެމިނާތަކާއި ކޮންފަރެންސްތައް އިންތިޒާމުކޮށް ހިންގުމަކީ ވެސް މި މަގާމުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރެވޭ މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު -/30،000 ރުފިޔާއެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/27،235 ރުފިޔާ އާއި ފޯނު އެލަވަންސްގެ ގޮތުގައި -/2،000 ރުފިޔާ ހިމެނޭހެން މާލީ އިނާޔަތްތައް ހަމަޖެހިފައިވެއެވެ.












