ގަލާޕަގޯސް ޖަޒީރާތައް ކައިރިން އިކުއެޑޯރުގެ މަސްބޯޓުތަކަށް ދީފައިވާ ނުރައްކާތެރި ހަމަލާތަކާއި، ”ފިއޮރެއްލާ“ ނަމަކަށް ކިޔާ ބޯޓެއް ގެއްލުނު ހާދިސާއަކީ އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ހިންގި ސިއްރު އަސްކަރީ އޮޕަރޭޝަނެއްގެ ބައެއްކަން ނޫސްވެރިންގެ ތަޙުޤީޤަކުން ހާމަވެއްޖެއެވެ.
ޖެނުއަރީ 20 ގައި 8 ފަޅުވެރިންނާއެކު ގެއްލުނު ”ފިއޮރެއްލާ“ ބޯޓު ގެއްލުމުގެ ކުރިން، އެ ބޯޓަށް އެމެރިކާގެ ޑްރޯންތަކުން ފާރަލަމުންދިޔަކަން ފަޅުވެރިން ވަނީ އާއިލާތަކަށް އަންގާފައެވެ. މާރޗް މަހު ދިން ޙަމަލާތަކުގައި ޑްރޯން ބޭނުންކޮށްގެން ދެ ބޯޓަކަށް ޙަމަލާދީ، ސަލާމަތްވި 36 މަސްވެރިންގެ މޫނު ނިވާކޮށް، ބިޑިއަޅުވައިގެން އެލް ސަލްވަޑޯރަށް ގެންގޮސްފައިވާކަމަށް މަސްވެރިން ބުނެއެވެ. މި މަސްވެރިން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅުނުކަމުގެ އެއްވެސް ހެއްކެއް އެމެރިކާއިން ދައްކާފައި ނުވާއިރު، އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުން ދަނީ މިކަން މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށް ގޮވާލަމުންނެވެ.













