ރާއްޖޭން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ ޢަލީ ޚާލިދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ޖަމީލާ އައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިރުތިޝާމް އާދަމް ފޮރިންގ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ފޮރިންގ މިނިސްޓަރު ކަމަށް އިރުތިޝާމް އައްޔަންކުރެއްވުމުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު އޮތީ ހުސްކޮށެވެ.
އެ މަގާމަށް ޖަމީލާ ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ، ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ. އެކަމަނާ މި މަގާމަށް އައްޔަންކުރެއްވޭނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ފާސްވެއްޖެނަމައެވެ.
ޖަމީލާއަކީ ހާރިޖީ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މީގެކުރިން އެކަމަނާ ވަނީ ރާއްޖޭން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ވެސް އަދާކުރައްވައިފައެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު ބަޔާންކުރާ ގޮތުން، ރާއްޖޭން އެކި ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހިވަޑައިގަންނަވައެވެ.











