ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” ގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުނި އުފައްދާފައި ވަނީ ކުންފުނީގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ބޭނުން ކުރާނެ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނެފައި ވަނީ މި ކުންފުނި އުފެއްދީ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ، މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެއެވެ،
– ރައީސް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރަން ބޭނުންވާ ގާނޫނާއި ގަވާއިދުތައް އެކުލަވާލަން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ (މިފްޒާ) ގެ ނަމުގައި ހާއްސަ އޮތޯރިޓީއެއް ވަނީ އުފައްދާފައެވެ. ސަރުކާރުން ވަނީ އެ އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދަން ބޭރުގެ ފަރާތްތަކާ އެކު މަޝްވަރާ ވެސް ކޮށްފައެވެ.