ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހައ. އުތީމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން އުތީމަށް ކުރެއްވި މި ޒިޔާރަތުގައި ގައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އެގޮތުން، ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުއްވައިދެއްވުމާއި، ”ވާހަކަ ވައު“ ހުޅުއްވައިދެއްވުމުގެ އިތުރުން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، މި ދަތުރުގައި ރައީސް މުޢިއްޒު އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން އަދި ދަރިވަރުންނާ ބައްދަލު ކުރައްވައިފައިވެއެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފާއި އިނާމު ދެއްވީ ރައީސް މުޢިއްޒެވެ.
ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.













