އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ އެކުވެރިކަމާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި މޭރުމުން ވިދާޅުވީ، އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، އިންޑިއާއެކު އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ހާއްސަ އިސްކަމެއްދޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ 80 އަހަރުގެ މިނިވަންކަމަކީ، އިންޑިއާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންގެ އުންމީދުތަކާއި ސާބިތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އިންޑިޔާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެކުވެރިކަމާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށްވާއިރު މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ހާއްސަ އިސްކަމެއްދޭނެ ކަަމަށެވެ. އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިޔާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
I extend warmest greetings to Her Excellency President Droupadi Murmu, @rashtrapatibhvn, His Excellency Prime Minister @narendramodi, the Government and the friendly people of India on the joyous occasion of their 80th Independence Day.
Eight decades of Independence reflect the… pic.twitter.com/GWUp7tuAqs
— Dr Mohamed Muizzu (@MMuizzu) August 15, 2026
އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވާފައިވާއިރު، ރާއްޖެއާއި އިންޑިޔާއަކީ ޒަމާނުންސުރެ ވަރުގަދަ ގުޅުމެއް އޮންނަ ދެ ގައުމުކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް އޭގެ މާކުރިން ވެސް ރާއްޖެއާއި އިންޑިޔާއާ ދެމެދު ވިޔަފާރީގެ ގުޅުން އޮތެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަހަކީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އިނގިރޭސީންގެ އިސްތިއުމާރު ނިމުމަކަށް އައިސް، އިންޑިއާއަށް ފުރިހަމަ މިނިވަންކަން ލިބުނު ތާރީހީ ދުވަހެވެ.













